
25 އަހަރުގެ އިންތިޒާރަކަށްފަހު، އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. މާލޭގެ މާފަންނު ކޮޅު މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތީގައި ހުންނަ އެކުންފުނީގެ ބިމެއްކަމުގައިވާ "ރާވެރިގެ" ޕްލޮޓްގައި އަޅާ މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، މިއީ އެ ކުންފުނީގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި، މި މިއީ 25 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުންއައި ދުވަހެއް ކަމަށެވެ. އެ ކުންފުނީގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މިވަގުތު މާލޭގެ ފަސް އިމާރާތެއްގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، މިކަމަށް ކުންފުނިން ވަރަށް ބޮޑު ޚަރަދެއް ކުލީގެ ގޮތުގައި ދައްކަންޖެހޭކަމަށް އެކުންފުނިން ބުނެއެވެ.
އައު އޮފީސް އިމާރާތާއެކު މާލޭގައި ހިންގާ ޑިޕާޓްމަންޓުތަކުގެ އިތުރުން، އެއަރޕޯޓުގައި ޤާއިމްކުރެވިފައިވާ ބައެއް ޑިޕާޓްމެންޓުތައްވެސް އެއް ފުރާޅެއްގެ ދަށަށް ގެނެވޭނެއެވެ. މީގެ ސަބަބުން މާލީ ގޮތުން ކުންފުންޏަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާއެވެ. އެކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބިނާކުރެވޭ މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4745 އަކަފޫޓެވެ. މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާއެއް ހުންނާނެއެވެ. އިމާރާތުގެ ބޭސްމެންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންގއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެއެވެ. އަމާޒަކީ މިއަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.