Article Image

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު، މިމަހުގެ 15 އިންފެށިގެން ފިޔަވަޅު އަޅަން ނިންމައިފި

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ބެހޭ ގޮތުން ވުޒާރާއިން ކޮށްފައިވާ ޢިއުލާނުގައި ވާގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 8ވަނަ އިސްލާޙުގައިވާ ގޮތުގެ މަތިން، ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްސަކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް -/50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

އަދި 7-65 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުގެ މަތިން -/100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެވުޒާރާއިން ކުރި އިޢުލާނުގައި ބުނީ 2025 ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ހަވާލާދެވުނު މާއްދާތަކުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޛު ކުރަމުންދާނެ ކަމަށެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.