Article Image

ޖުޑިޝަރީއަށް މާލީ ބާރުވެރިކަން ދިނުމަށް ދަޢުލަތުގެ އާމްދަނީން ވަކި އިންސައްތައެއް އެ ދާއިރާއަށް ކަނޑައަޅުއްވަން ރައީސް ނިންމަވައިފި

ޖުޑީޝަރީއަށް މާލީ ބާރުވެރިކަން ދިނުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅުއްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށްވާއިރު އެކަމަށް މަގުފަހިކުރެއްވުމަށްޓަކައި ކުރައްވަމުން އަންނަ ކަންކަމުގެ ތެރެއިން މާލީ ގޮތުންނާއި އިދާރީ ގޮތުން މިހާތަނަށް ނެތް މިނިވަންކަން އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެންނެވުމަށް ކެބިނެޓުގައި މަޝްވަރާކޮށް އިއްޔެ ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ އާމްދަނީ ވަކި އިންސައްތައެއް ކަނޑައަޅައި, އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް, ޖުޑިޝަރީގެ ފުރިހަމަ މާލީ ބަރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ, އެގޮތަށް ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނެ އިންސައްތައެއްކަމުގައި ކަނޑައެޅުމަށްވެސް ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ޤާނޫނީ ގޮތުންނާއި ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.