
ރައީސްކަމާއި، މެންބަރުކަން ކޮށްފައިވާ ބޭފުޅުންގެ އިނާޔަތްތައް އުނިކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވަން ރައީސް ނިންމަވައިފި
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރެއްވުމަށް ޤާނޫނުތައް އިސްލާހު ކުރައްވަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް އެގޮތަށް ވިދާޅުވެފައި މިވަނީ އެކަން ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުންނާ ހިއްސާކުރެއްވުމަށްފަހުއެވެ.
ރައީސް ވިދާޅުވީ, ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންނަށް ލިބޭ އިނާޔަތްތައް އުނިކުރުމުގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުން އަންނަ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުން އަންނަ ބޭފުޅެއް ނަމަ އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން, ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާއިދު އިސްލާހު ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް, މާލީ ޢިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000ރ. ދައުލަތުން ދޭންޖެހެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް, މާލީ ޢިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000ރ. ދައުލަތުން ދޭންޖެހޭ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންޖެހޭއިރު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢުއަށް ފައިދާހުރި އިޖްތިމާޢީ މަސައްކަތްތައް ކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި, މަސައްކަތް ކުރާނޭ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.