
ނޭޕާލްގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމަށް ދަތުރު ނުކުރުމަށް ދިވެހި ސަރުކާރުން އެދިއްޖެ
ނޭޕާލުގައި މި ވަގުތު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ހަނދާންކޮށްދޭ ކަމަށެވެ. އޭގެ އިތުރުން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކަރފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުކުރާ ހުރިހާ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރަމެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ނޫސްބަޔާނުގައި ބުނީ, ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި މި މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ހަމައެއާއެކު، ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ, ނޭޕާލުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ޤައުމުގައި ތިބި ދިވެހީންގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް އެދޭ ކަމަށެވެ. ގުޅޭނެ ނަންބަރު: 919910040786+ އޭގެއިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅޭނެ ކަމަށްވެސް ބުންޏެވެ.