Article Image

ބޭރުގައި އުޅޭ ދިވެހިންނަށް އިސްލާމް އަދި ދިވެހި އޮންލައިންކޮށް ކިޔަވައިދޭ " ރިވެލި" ޕްރޮގްރާމް ރައީސް އިފްތިތާޙްކޮށް ދެއްވައިފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އޮންލައިންކޮށް ދިވެހިބަހާއި އިސްލާމް މާއްދާ އޮންލައިންކޮށް ކިޔަވައިދިނުމަށް ސަރުކާރުން ހިންގުމަށް ވަޢުދުވެފައިވާ "ރިވެލި" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މިހާރު ދުބާއީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެކުވެރި ޢަރަބި އިމާރާތުގައި އުޅޭ ދިވެހިންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ތާޖު ހޮޓަލް ދުބާއީގައީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

ރައީސް މުޢިއްޒު ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވި ދިވެހިންވަނީ އެ ޤައުމުގައި ދިރިއުޅޭ ކުދިންނަށް ދިވެހިބަހާއި އިސްލާމް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ހިއްސާކޮޮށްފައެވެ.

"ރިވެލި" ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމު މާއްދާ ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެމިރޭޓްސްގެ އެކި ސިޓީތަކުގައި އުޅޭ ހުރިހާ ދިވެހި ކުދިންނަށް ކިޔެވޭނެ ގޮތަށެވެ.

ޔޫއޭއީއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެފައިވަނީ "ރިވެލި" ޕްރޮގްރާމް ޔޫއޭއީއިން ފެށިގެން ދިޔަ ނަމަވެސް މުސްތަޤުބަލުގައި ދިވެހިން އުޅޭ ހުރިހާ ޤައުމެއްގައި އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ޕްރޮގްރާމް އިފްތިތާޙު ކުރެއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ޔޫއޭއީ ނޫން އެހެނިހެން ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އޮންލައިންކޮށް މި ދެ މާއްދާ ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދެމުންދާ ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން ތައްޔާރުވަމުން އަންނަނީ އޮސްޓްރޭލިއާއީ މެލޭޝިޔާ އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި އިސްލާމް ކިޔަވައިދިނުމަށް ތައްޔާރުވަމުން ކަމުގައި ޒަމީރު ވިދާޅުވިއެވެ.

"ރިވެލި" ޕްރޮގްރާމަކީ މުޅިން އަލަށް ސަރުކާރުން ފަށާ ޕްރޮގްރާމަކަށްވާތީ އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަވާނެކަމަށާއި، އެކަންކަން ކުރިއަށް އޮތްތަނުގައި ރަނގަޅުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ޒަމީރު ވަނީ ދެއްވާފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލު ޝަފީޢު ވިދާޅުވީ، އިސްލާމް އަދި ދިވެހި ކިޔަވައިދިނުމަށް ފެށި ޕްރޮގުރާމު އިތުރަށް ފުޅާކޮށް ބޭރުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް އެ ދެ މާއްދާ ކިޔަވައިދިނުމަށް ޚާއްޞަ އޮންލައިން ޗެނަލެއް ވަރަށް އަވަހަށް ޤާއިމުކުރައްވާނެ ކަމަށެވެ.