
އިހްތިރާމްކުރުމުގެ އާދަ ދިރުވުމަށް ޤައުމީ މަސައްކަތެއް ފަށަނީ
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަސައްކަތެއް ފައްޓަވަން ގަސްތުކުރައްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅުގެ ދަތުރުފުޅުގައި އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން, އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ދިވެހީންނަކީ ލޯތްބާއި ކުލުނާއި ހިނިތުންވުމާއެކު އެއްބަޔަކަށް އަނެއްބަޔަކަށް އިޙްތިރާމްކުރި ބައެއް ކަމަށެވެ.
ނަމަވެސް މީގެ އަހަރުތަކެއް ކުރިން, ސިޔާސީ އޮއިވަރެއްގެ ތެރެއަށް ވަދެގެންދާން ފެށުމާއެކު, އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ އާދަކާދަ މިހާރު ވަރަށް ބޮޑަށް ނެތި ގޮސްފައިވާކަން ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ, ބޭނުންފުޅު ވަނީ އެކަން ބަދަލުކުރައްވައި, އިހު އޮތް ގޮތަށް އަނބުރާ ވަޑައިގަތުމަށް ކަމަށެވެ. އެގޮތުން ބިޔަ މަޝްރޫޢެއްގެ ގޮތުގައި 2026 ވަނަ އަހަރުގެ ތެރޭގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން އެދިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ހުރިހާ ރައްޔިތުން އަދި ސިޔާސީ ޕާޓީތަކުންވެސް ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.