
15 އަހަރަށްފަހު ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް ހުޅުވައިދެއްވައިފި
15 އަހަރަށްފަހު ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު ހުޅުވައި ދެއްވައިފިއެވެ. މިތަން ޤާއިމުކޮށްފައިވަނީ މާލެ ކައިރި ކްރޮސް ރޯޑްސްގައެވެ.
މިތަން ހުޅުވާފައިމިވަނީ ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް، މާލެ ސަރަޙައްދުގައި ނެތުމުގެ ކަންބޮޑުވުންތައް ބެލެނިވެރިންވެސް ފާހަގަކުރާތާ ދުވަސްތަކަކަށްފަހުގައެވެ. ކްރޮސް ރޯޑްސްގައި ހުޅުވާފައިވާ ކޭމްޕް ސަރަހައްދަކީ ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ ތަނެކެވެ.
މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ މިއީ ދަރިވަރުންނަށް ކިޔެވުމުގެ އެކި ހަރަކާތްތަކުގައި މިތަން ބޭނުންކުރެވޭނެ ކަން ފާހަގަކުރައްވާފައެވެ. އަދި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޭމްޕް ތަރައްޤީކޮށްފައިވަނީ 3 ހެކްޓަރުގެ ސަރަހައްދެއްގައެވެ. އެތަނުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ހުރެއެވެ.