
ދިވެހި ދަރިންނަކީ ޤުރުއާން ކިޔަވަން ބޭނުންވާ ޤުރުއާނަކީ ފަޚުރެއް ކަމަށް ދެކޭ ބަޔަކަށްވުމަކީ އަޅުގަނޑުގެ ބޭނުން: ރައީސް
ދިވެހި ދަރިންނަކީ ޤުރުއާން ކިޔަވަން ބޭނުންވާ, އަދި އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ދަރިންގެ ގޮތުގައިވާން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ ޤުރުއާން މުބާޜާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރުދީ, ބާރުއަޅައި, އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.
އެގޮތަށް މި ޤައުމު ތަރުބިއްޔަތުކޮށް, ބައްޓަންކުރުމަށްޓަކައި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް އިސްކަން ދިނުމަށް ސަރުކާރުން ނިންމެވީ ވަރަށް މަތީ މަޤުސަދެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, ކީރިތި ޤުރުއާން ކިޔެވުމަށް ތުއްތުކުދިންނަށާއި ހުރިހާ ކިޔަވާ ކުދިންނަށް އަދި ޖުމުލަކޮށް ހަމަ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ހިތްވަރުދީ, ކުރިއަށް ދިއުމަށް މަސައްކަތް ކޮށްދެއްވަންޖެހޭ ކަމަށެވެ. އަދި ދިވެހިންގެ އުޅުމާއި ގުޅުން ބައްޓަންކުރަން ޖެހޭނީ, ޤުރުއާނުން މުސްލިމުންނަށް މާތް الله އަންގަވާފައިވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގައި ރީތި ރާގުތަކާއި ހަމަތަކުގެ މަތިން, ކުރިއަށްދިއުމުގައި އަޅުގަނޑުމެން ސަރުކާރުން އެންމެ އިސްކަމެއްދެނީ, އެކަމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް. އަޅުގަނޑުމެންގެ ދަރިންނަކީ ޤުރުއާން ކިޔަވަން ބޭނުންވާ, އަދި އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ދަރިންގެ ގޮތުގައި ވާން އަޅުގަނޑު ބޭނުން. ސްކޫލްތަކުން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި މިކަން ކަނޑައަޅަން އަދި އެގޮތަށް މަސައްކަތް ކުރަން އަޅުގަނޑު އެދެން: ރައީސް
އެ މަނިކުފާނު ވިދާޅުވީ, ހެޔޮގޮތުގައި ކުރިއަށްދިއުމަށް ވާދަވެރިކަން އުފެއްދުމަކީ ދީނުގައި އޮންނަ ގޮތް ކަމަށާއި ދީނުގެ މަގުގައި ކުރިއަށްދިއުމުގައި ނޫނީވިއްޔާ, ވާދަކުރުމެއް ޙަޤީޤަތުގައި އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން މި މަތިވެރި މަޤުސަދު ހާސިލުކުރުމުގައި އެންމެ އެއް ވިސްނުމެއްގައި މުޅި ޤައުމު އެކަތިގަނޑަކަށްވެގެން ކުރިއަށް ދިއުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.