Article Image

ޞިއްޙީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް، އެރަށެއްގެ ނިސްބަތުން ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެ: ރައީސް

ހެލްތު މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދެއްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވައިގެން ތަރައްޤީކުރައްވާ އެއްދާއިރާކަން ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ޞިއްޙީ ދާއިރާއަށް އިސްކަންދެއްވައިގެން، މިހާރުވެސް ކުރިއެރުންތައް ހޯއްދަވައިދެއްވަމުން ގެންދަވާކަމުގައެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، 2 އަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް، ށ. ނޫމަރާގައިވެސް ލެބޯޓްރީ ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.