ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން އިސްރަށްވެހިންނަށް ފުރުޞަތުތައް ފަހިކޮށްދޭނަން: ރައީސް
މި ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން އިސްރަށްވެހިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މާލެ ސިޓީގައި ޤާއިމް ކުރާ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިސްރަށްވެހިންނަށް ދޭން ޖެހޭ އިސްކަން މި ސަރުކާރު މެއިންސްޓްރީމްކޮށްގެން ދޭން ފަށާފައިވާ ކަަމަށެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަޅާ ނުލެވި ސަރުކާރުގެ ރާޑާރަށް ނާރާ، ބަޖެޓުގެ ގޮތުން ބެލިޔަސް އެކިކަހަލަ ރިސޯސެތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައިވާ ފަރާތްތައް މެއިންސްޓްރީމްކޮށްގެން ރާޑަރު މެދަށް އަރުވައިގެން ޤައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން: ރައީސް މުޢިއްޒު
އިސްރަށްވެހިންނާއި، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދިނުމުގައި ބުރަ މަސައްކަތެއް ޢިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މެންޑޭޓްްގައިވެސް ހިމެނޭނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ކެބިނެޓްގެ މަޝްވަރާއާއެކު އެކި ދާއިރާތަކާއި ގުޅުން ހުރި ދަފްތަރުތައް އެކުލަވާ ލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ.
އޭގެ މަތީގައި އަޅުގަނޑުމެން ހަވާސާ ކުރެވިފައިވާ ހުރިހާ ފަރާތްތަކަށް އިސްކަން ދޭނަން، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަ މަރުކަޒުތައް ހުރީ މާބޮޑު ސަމާލުކަމެއް ނުދެވި، ބަޖެޓުންވެސް ހަރަދު ކުރެވެނީ ވަަރަށް ކުޑަ އެއްޗެއް، އެހެން ނަމަވެސް އެކަންވެސް ބަދަލު ކުރުމަށް ނިންމާ އެކަންވެސް ފަށައިފިން: ރައީސް މުޢިއްޒު
އެގޮތުން އެކަން ވެގެން ދިއުމުން އަޅާލަން ޖެހޭ ހުރިހާ ފަރާތްތައް، އެއީ އެކަނިވެރި މައިން، ޑޮމެސްޓިކް އެބިއުސް އެކި ކަހަލަ ނިކަމެތިކަން ކުރިމަވަމުންދާ ފަރާތްތަކާއި، އެކި ކަހަަލަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އިތުރުން އަޅާލުމެއް ނެތި، މާބޮޑު ސަމާލުކަމެއް ނުދެވޭ އިސްރަށްވެހިންގެ މަޢުލޫމާތު ފުރިހަމައަށް އެއްކުރުމުގައި މަސައްކަތްތަކެއް މިހާރު ވަނީ ފެށިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ގެދޮރު މައްސަލައިގައިވެސް ގޮތްތަކެއް ނިންމާފައިވާ ކަމަަށާއި، ގެދޮރު އެޅުމުގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، އެކި ކަހަލަ ޝަރުުތުތަކާއި، ކެޓެގަރީތައް ކަނޑައަޅާއިރު، ހަވާސާ ކުރެވިފައިވާ ފަރާތްތަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ޤާއިމް ކުރާ ގެދޮރުގެ މަޝްރޫޢުތަކުގައި އިސް ރަށްވެހިންނަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން ކުރިއަށް އޮތްތަނުގައި ފުރުޞަތު ބޮޑުތަކުން އިތުރުވެގެން ދާނެ ކަމަށެވެ.