Article Image

މުޖުތަމަޢުގައި ހަވާސާކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް މި ސަރުކާރުން އިސްކަަންދޭނަން: ރައީސް

ދިވެހި މުޖުތަމަޢުގައި ހަވާސާކުރެވިފައި ތިބި ހުރިހާ ފަރާތްތަކަށް މި ސަރުކާރުން އިސްކަަންދީ އެ ފަރާތްތަކަށް ބޭނުންވާ ބަޖެޓާއި ވަޞީލަތްތައް ފޯރުކޮށްދެމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިސްރަށްވެހިންގެ ނާދީ އިފުތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމުކުރުމަކީ ރައީސް ޑރ.މުޢިއްޒުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނިފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވަޢުދެވެ.

ރައީސް ވިދާޅުވީ، އިސްރަށްވެހިންގެ އިތުރަށްވެސް މުޖުތަމަޢުގައި އިސްކަންދޭންޖެހޭ ހަވާސާކުރެވިފައި ތިބި މީހުން އެބަތިބި ކަމަށާއި، ސަރުކާރުން އިސްރަށްވެހިންނަށް ދޭންޖެހޭ އިސްކަން ދެމުންދާނެކަމަށެވެ. އަދި އިސްރަށްވެހިންގެ އިތުރަށް އެކަހެރިވެފައި ތިބި، އެކަށީގެންވާ މިންވަރަށް އަޅާލުމައި އެހީތެރިކަން ނުލިބި ތިބި އެހެނިހެން ފަންތިތަކުގެ މީހުންނަށްވެސް މި ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ސަރުކާރުގެ ރާޑަރަށް ނާރައި، އަޅައިނުލެވި ބަޖެޓުގެ ގޮތުން ބެލިޔަސް، އެކިކަހަލަ ރިސޯސްތައް ފޯރުކޮށްދިނުން ކަމުގައި ވިޔަސް އެކި ކަންކަމުގައި ހަވާސާކުރެވިފައިވާ ފަރާތްތައް މެއިންސްޓްރީމްކޮށްގެން، ރާޑަރުގެ މެދަށް އަރުވައިގެން ޤައުމު ހިންގުމަކީ އަޅުގަނޑުމެންގެ ވިސްނުން: ރައީސް މުޢިއްޒު

މީގެއިތުރުން ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައިވެސް އެ ދާއިރާއިން ބައެއް ކަންކަން ހާސިލުވެފައިވާ ކަމަށާޢި، ނަމަވެސް އެއީ ބިންގާތަކެއްކަމަށެވެ. އަދި އެ ބިންގާތަކުގެ މަތީގައި އިތުރު ކަންތައްތަކެއް ސަރުކާރުން ކުރާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހަވާސާގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި އިސްރަަށްވެހިންގެ ދަފުތަރެއް އެކުލަވާލެވިފައި ނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމައަށް އެއްކޮށް ޤައުމީ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި އެ ދަފުތަރު އެކުލަވައިލެވުމުން ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ފަރާތްތަކުގެ ގޮތުގައި އެފަރާތްތައް ހިމެނިގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިސްރަށްވެހިންނަށް މުޖުތަމަޢުގައި ލިބެންޖެހޭ ޤަދަރާއި އިޙުތިރާމު ހޯދައިދީ ޤައުމުގެ ކަންކަން ހިންގުމުގައި ބަސް ބުނުމުގެ ފުރުޞަތު ހޯދައިދެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކެއް ފުއްދެވުމުގެ މަސައްކަތް ހުއްޓުމެއްނެތި މުޅި ސަރުކާރުން ކުރާނެ ކަމަށެވެ.