
ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާނީ އަމިއްލަ ނަފުސަށް ތެދުވެރިވެވުނު ދުވަހަކުން: ރައީސް
ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުވާން އޮތީ ހުރިހާ ރައްޔިތުންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އާންމު އިޖުތިމާޢީ އެކި ދާއިރާތަކުން ރައްޔިތުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި، އެމަނިކުފާނާ ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
މިވަގުތު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން ވަކީން ޚާއްޞަކޮށް، މަސްތުވާތަކެތީގެ މައްސަލައާއި، ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ އިތުރުން ޝަރުޢީ އިމުގެ ތެރެއިންވެސް މިކަންކަމަށް ޙައްލު ހޯއްދެވުމަށް ކުރައްވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ ޙުކުމަށް، މަޢާފު ނުލިބޭ ގޮތަށް، އެމީހެއްގެ މުޅި ޢުމުރަށް ތަންފީޒުކުރަންޖެހުމާއި، ޤަވައިދާ ޚިލާފުވާ ބިދޭސީން ޑީޕޯޓްކުރުމުގައި ޢަމަލުކުރައްވާ ސިޔާސަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ބިދޭސީންނަށް އެފަދަ ފުރުޞަތުތައް ފަހިކޮށްދެވުމުގައި ދިވެހީންގެ ދައުރު އޮތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ފަސޭހަތަކެއް ހުރިކަމުގައި ވީ ނަމަވެސް، އެކަން ދޫކޮށް، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި ވަޒީފާގެ ފުރުޞަތުތަކަކީ ހަމައެކަނި ސަރުކާރުގެ ތެރެއިން ފަހިވާންޖެހޭ ފުރުޞަތުތަކެއް ނޫންކަމަށާ، އަމިއްލަ ފަރާތްތަކުންވެސް ދިވެހީންނަށް އެ ފުރުޞަތުތައް ޚާއްސަކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ދިވެހި މުޖުތަމަޢު ކުރިމަތިލާން ޖެހިފައިވާ ހައްސާސް މައްސަލަތަކަށް ތަފްސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މާފަންނު އަވަށަކީ މުޅި މާލޭ ސިޓީގައިވެސް އެންމެ އާބާދީ ބޮޑު އަވަށަށް ވީ ހިނދު، އެ އަވަށްވެސް ހިމެނޭހެން މުޅި ރާއްޖެއަށް މިއަދު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ މިރޭގެ ޖަލްސާގައިވެސް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، ދައުލަތުން ހުޅުވާލެއްވި ސްކީމެއްގެ ތެރެއިން 1 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އިތުރު ސްކީމަކަށް ކުރިމަތިލެވޭނެ ފުރުޞަތު ބަންދުވެފައި އޮތްއޮތުމުގެ ކަންބޮޑުވުމަކީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މިކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ.
އެމަނިކުފާނު ތެދުވެވަޑައިގެން ހުންނެވީ ރައްޔިތުންނާ އެކުގައި ކަމަށާއި، ސަރުކާރުން ހުރިހާ ކަމެއްވެސް ކުރައްވާނީ ހާމަކަން ބޮޑު، ދެފުށްފެންނަ ގޮތަށް ކަމަށާ، އަޅުއްވަންޖެހިވަޑައިގެންނެވި ކޮންމެ ފިޔަވަޅެއްވެސް މި މޭރުމުން އަޅުއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ރައްޔިތުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް އީޖާބީ ގޮތެއްގައި ރިޢާޔަތްކުރައްވައި، އެކަންކަން ބައްލަވާނެ ކަމަށާ، އަދުގެ ސަރުކާރުން އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.