
އެމްޑީޕީން ހިޔާ ފްލެޓް އަތުލާފައިވާ ފަރާތްތަކަށް މިސަރުކާރުން ފްލެޓު ދޭނެ: ރައީސް
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިޔާ ފްލެޓުތައް އަތުލި ފަރާތްތަކަށް މިސަރުކާރުން އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓްތައް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެފަރާތްތަކަށް ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާކަމަށާއި، މިސަރުކާރުން ކުރިއަށްގެންދާ ސޯޝަލް ހައުސިން ޔުނިޓުތަކަށް ހިޔާ ފްލެޓުތަކުން މިދިޔަ ސަރުކާރުގައި ފްލެޓު ނުލިބޭނެކަމަށް ނިންމި ފާރާތްތަކުން ހަމައެކަނި ޖެހޭނީ އެއަށް ހުށަހަޅަންކަމަށެވެ. އެބޭފުޅުން އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެކަމަށެވެ.
އެއްފަހާރާ އެންމެނަށް ލިބޭގޮތަށް އެއް ޕްރޮޖެކްޓަކުން ފްލެޓުތަކެއް ނުއެއް އެޅޭނެ. ފުރަތަމަ ފަށާ ޕްރޮޖެކްޓުން ވަކި ވަރެއް ކަނޑައަޅާފައި މިވަނީ ފްލެޓު އަތުލި ފަރާތްތަކަށް ދިނުމަށް. އެކަން ކުރިއަށް އެބައޮތް. އެކި ކެޓަގަރީތަކުން: ރައީސް
ރައީސް ވިދާޅުވީ ބީއެމްއެލް ފައިނޭންސްގެ ދަށުން ފަށާ މަޝްރޫއާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފަށާ މަޝްރޫޢުގެ އިތުރުން އެކި މަޝްރޫޢުތަކުގެ ތެރެއިން 7500 ފްލެޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އެބޭފުޅުންނަށް ފްލެޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.