
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން: ރައީސް
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލްމީޑިއާގައި އެމަނިކުފާނު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން. މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން: ރައީސް
މީގެ އިތުރުން ރައީސްގެ ޕޯސްޓުގައި ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ލާމެހިފައިވާ ކަމާއި، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމަކީ ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތް ކަމަށެވެ.
ރައީސްގެ ޕޯސްޓް ނިންމާލަމުން އެމަނިކުފާނު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، އެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތާއި، މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުޢާ ދެންނެވިއެވެ.