Article Image

ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި އިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދޭނަން: ރައީސް

ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި ޢިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ،ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ ޕާކިންގ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ދިހަބުރިއަށް ޢިމާރާތް ނަންގަވާކަމުގައިވަނީނަމަ، ތިރީފްލޯގައި ޕާކިންގ ގާއިމުކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ހައްދަވާނެ ކަމަށެވެ.

އެގޮތުން އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޕާކިންގއަށް އެންމެ ތިރީފްލޯ ޚާއްޞަކުރެވި، މީގެއިތުރުން އެއްފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުންކުރަން ޝަރުތުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

ގޯތިތަކުގައި ދިހަބުރިއަށް ޢިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.