
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސް ނިންމަވައިފި
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން، އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ނިންމަވައިފިއެވެ.
މިކަމަށްޓަކައި، ރައީސްގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް ވަނީ އިސްލާޙު ގެންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައިވާ ގޮތުން، ރައީސް ޑރ މުޢިއްޒު މިގޮތަށް ނިންމެވީ، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައަޅައި، އެ ރަށުގެ ރައްޔިތުން ހަނިމާދޫގައި އާބާދުކުރުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 36/2025 މިއަދު ވަނީ އެކަށައަޅުއްވާފައެވެ.
މި އިސްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 އާ ގުޅިގެން ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާ ކަނޑައެޅުމެވެ. ހިރިމަރަދޫ ރަށްވެހިން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުހަލާގެ ތެރޭގައި މި އިންތިހާބުތައް އަންނާތީ، ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ ޢާންމު ގާނޫނު) ގެ 8 ވަނަ މާއްދާގެ (އ) ގައިވާ ގޮތުން، އެފަދަ ހާލަތެއްގައި ރައްޔިތުންގެ އިންތިހާބީ ދާއިރާއަކަށް ވާނީ އެމީހުން އަލަށް ބަދަލުކުރެވުނު ރަށެވެ. މިގޮތުން، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫކަމުގައި ބެލުމަށް މި ގަރާރުން މަގުފަހިކޮށްދޭނެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅިގެންދާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން)ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފައެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން އާންމުކޮށް އިއުލާނުކުރާ ތާރީހުން ފެށިގެންނެވެ.