Article Image

ރައީސްގެ ވަޢުދާއި އެއްގޮތަށް ޝަންގުރިއްލާ އަލުން ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް އައްޑޫސިޓީ ވިލިނގިލީގައި ހަދާފައިވާ ޝަންގުރިއްލާ ރިސޯޓް އަލުން ހުޅުވައިފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން މުއްދަތެއް ނެތް ގޮތަށް، 2020 ވަނަ އަހަރު ބަންދުކޮށްފައިވާ ޝަންގުރިއްލާ ރިސޯޓް ހުޅުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެއީ އެމަނިކުފާނު އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅެވެ.

ޝަންގުރިއްލާ ރިސޯޓް ހުޅުވައި މިއަދު އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔާފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އައްޑޫ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މި ރިސޯޓުގައި 132 ވިލާ ހިމެނެއެވެ. މި ރިސޯޓު ހުޅުވުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވެސް ވަޢުދުވެ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއިހުރެ އެކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވަޢުދު ވެލެއްވި ގޮތަށް އެ ރިސޯޓް ހުޅުވުމުގެ މަސައްކަތް ކުރައްވާ މި ހިނގާ 2025 އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް އެމަނިކުފާނު މި އަހަރުގެ ސެޕްޓެމްބަރުގައި އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވިދާޅުވެފައެވެ.

ޝަންގުރިއްލާ ރިސޯޓް ބަނދުކުރިއިރު އެ ތަނުގައި 500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކޮށްފައިވާއިރު، އެ ރިސޯޓް ހުޅުވުމަކީ އައްޑޫގެ އިޤްތިޞާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި އައްޑޫގެ ގިނަ ބަޔަކަށް ވަޒީފާ ލިބި ސަރަޙައްދުގެ ފަތުރުވެރިކަމަށް އައު ދިރުމެއް ލިބޭނެ ކަމަށް ވެސް ޓްއަރިޒަމް މިނިސްޓްރީއިން ބުންޏެވެ.

ޝަންގުރިއްލާ ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.