Article Image

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރެވޭނީ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއްނެތި މަޢުލޫމާތާއި ހަމަހަމަފުރުސަތުތައް ލިބިގެން:ރައީސް

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ހަމަހަމަފުރުސަތުތައް ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އުނގެނުމުގެ ފުރުސަތުތަކާއި، އަމިއްލަ މިނިވަންކަމާއި، އަދި އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އަލިއަޅުއްވައިލައްވާފައެވެ. މީގެ އިތުރުން އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން އެމަނިކުފާނުވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި، ނިންމާ ކޮންމެ ނިންމުމެއްގައިވެސް އެންމެންގެ ބައިވެރިވުން ޝާމިލުވާ، އަދި އެއްވެސް މީހަކު ބާކީނުވާނެފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.