
ހުޅުމާލެ 3 ހިއްކާ ނިމިއްޖެ، ދެން އެންމެ އަވަހަށް ހިއްކާ ނިންމާނީ ގިރާވަރުފަޅު: ރައީސް
ސަރުކާރުން މާލެ ސަރަޙައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކޮށްފައިވަނީ މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން އިއުލާންކުރައްވާފައެވެ. މިމަސައްކަތް ނިމުމާއެކު ދެން އެންމެ އަވަހަށް ބާރުދުވެލީގައި ނިންމާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. މި ޕޯސްޓާއިއެކު މި ސަރަޙައްދު ހިއްކަންފެށިއިރުގެ ފޮޓޯއަކާއި، މިހާރުގެ ފޮޓޯއެއް ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުން ނިންމާލާފައިވަނީ ސަރުކާރުން އެ މަސައްކަތް ނިންމަން އިއުލާން ކުރި ތާވާލައިި އެއްގޮތަށެވެ. އެގޮތުން ގާތްގަނޑަކަށް 2 މަހެއްހާ ދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ.
ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.