Article Image

ރިޔާސީ ބަޔާން 2026: ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނޭ އޮފީހެއް އުފައްދަވާ ޚިދުމަތްދޭން ނިންމަވައިފި

މިސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިޔަށް ދިޔުމުގައި އަޅާ މުހިންމު އިތުރު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯގެ ނަމުގައި 24 ގަޑި އިރު ޚިދުމަތް ދޭނޭ އޮފީހެއް ރައީސް އޮފީހުގައި ޤާއިމް ކުރަން ނިންމަވާފައިވާކަމާއި، ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި، މި ބިޔުރޯގެ ޚިދުމަތް ދޭން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު، ޖެމްސް މެސެޖިންގ ޕްލެޓްފޯމް، ފޯނު، ސޯޝަލް މީޑިއާގެ ވަސީލަތްތައްފަދަ، އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުން ކަމަށާއި، ޝަކުވާ މެނޭޖުކުރާނެ، އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ، ސްޓޭޓް އޮފް ދި އާޓް-އޮޓޮމޭޓެޑް ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުން ކުރިއަށްގެންދަވާ ޑިޖިޓަލައިޒޭޝަން މަޝްރޫޢު ކުރިއަށްދާ ގޮތާއި، މި ދާއިރާއިން ކުރިއަށް ރޭވިފައިހުރި ކަންކަމުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ.

ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ އެފިޝެންސީ މަތިކޮށް، ގުޑް ގަވަރނަންސް ގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަން ގެ ނިޒާމު ޤާއިމުކުރުމަކީ މި އަހަރު ވަރަށް ބޮޑު އިސްކަމެއްދިނުމަށް ނިންމާފައިވާ ކަމެއްކަމަށާއި، މިކަން ޙާސިލުވުމުން ނަތީޖާއަކަށް ވާނީ، ޚިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަ، ޚިދުމަތްދޭން ތިބޭ ދައުލަތުގެ މުވައްޒަފުންނަށް ލުއި، އަވަސް، ދެފުށްފެންނަ، ކޮރަޕްޝަންގެ ވަކިތަކަށް ޖާގަ ނުލިބޭ، އިތުބާރު ހިފޭ ޚިދުމަތުގެ ނިޒާމެއް ޤާއިމްވެގެން ދިޔުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.