
ޕެޓްސް މުބާރާތުން ސިފައިން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް: ރައީސް
ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތުގައި މިއަހަރު 16 ޤައުމަކުން 24 ޓީމު ބައިވެރިވިއެވެ. މި މުބާރާތަކީ ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ދިވެހި ސިފައިން ހޯދި ކާމިޔާބީއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
ފެބުރުއަރީ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ. މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ.