
ފުރަތަމަ ފަހަރަށް ހުކުރު ދުވަސްތަކުގައި ތެލަސީމިއާ ސެންޓަރު ޚިދުމަތްލިބޭނެ އިންތިޒާމް ފަހިކޮށްދެއްވައިފި
ރާއްޖޭގެ ތާރީޚުގައި މުޅިންއަލަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ހުކުރު ދުވަހު ލިބޭނެ އިންތިޒާމް ސަރުކާރުން ފަހިކޮށްދެއްވައިފިއެވެ.
މިއީ ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައިވެސް އެ ސެންޓަރުން ހުކުރު ދުވަހު ޚިދުމަތްދޭން ފެށި ފުރަތަމަ ފަހަރެވެ. މިކަން ޢިއުލާނު ކުރެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ސޯޝަލްމީޑިއާގައި ކުރެެއްވި ޕޯސްޓެއްގައި ރައީސް ވަނީ 1994 ވަނަ އަހަރު ޑިސެމްބަރ 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވާކަން ފާހަގަކުރައްވާފައެވެ.
މިއާއިއެކު އެމަނިކުފާނު ވަނީ 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށާފައިވާކަން އިޢުލާނު ކުރައްވާފައެވެ.
20 ފެބްރުއަރީ 2026 ވި ހުކުރު ދުވަހުވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހެދި 5 ފަރާތަކުން ލޭހަދިޔާކޮށްފައިވޭ. މި ރަމަޟާން މަސް ނިމުމުންވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ކުރިޔަށް ގެންދެވޭނެ. މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭންުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަަށް ފަސޭހަވެގެންދާނެ: ރައީސް
ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ދުވަހެއް ދުވަހަކަށް ފުޅާކުރަމުންނެވެ. އެގޮތުން 30 އަހަރަށްވުރެ ގިނަ ދުވަސްވީ ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ޒަމާނީ ވަޞީލަތްތަކާއެކު ހުޅުމާލޭގައިވަނީ އައު ސެންޓަރެއް ޤާއިމުކޮށްފައެވެ. މީގެ އިތުރުން ތެލަސީމިއާ ހުންނަ ފަރާތްތަކަށް 2000 ރުފިޔާގެ އެލަވަންސެއްވަނީ ދޭން ފައްޓަވާފައެވެ. ހަމައެއާއެކު ތެލަސީމިއާ ފަރުވާ ފުޅާކުރުމަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވެސްދަނީ މަސައްކަތްކުރަމުންނެވެ.