
ރައީސްގެ ވަޢުދާ އެއްގޮތަށް އެންމެ 50 ދުވަސްތެރޭގައި ދިއްދޫ ބިން ހިއްކާ ނިންމާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ނިންމާލައިފިއެވެ.
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާކަން ހާމަކުރެއްވީ ރައީސް މުޢިއްޒު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ވަނީ ހިއްސާ ކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ޑްރެޖަރު މިދިޔަ ޖަނަވަރީ ތިންވަނަ ދުވަހު ގެނެސް، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ އޭގެ އަނެއް ދުވަހު، ޖަނަވަރީ ހަތަރުވަނަ ދުވަހުއެވެ. އެގޮތުން 50 ދުވަހުގެ ތެރޭގައި ދިއްދޫއިން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ އެއްކޮށް ހިއްކައި ނިންމާލެވިފައެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދިޔަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންކޮށްފައިވަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ. މިއީ އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިގެންވާ، ދުނިޔޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޑްރެޖަރުތަކުގެ ތެރެއިން ޑްރެޖަރެކެވެ.
ދިއްދޫ ބިން ހިއްކައި އެއްކޮށް ނިންމާލެވިފައިވާއިރު މި މަސައްކަތަށް ޖުމްލަ 5,492,089 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ.
ދިއްދޫގެ ހިއްކާފައިވާ ބިމުގެ ބޮޑު ބައެއް ޚާއްޞަކޮށްފައިވަނީ އެ ރަށުގައި ތަރައްޤީކުރާ އެއަރޕޯޓަށާއި ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ގޯތި ދޫކުރުމަށެވެ.