
ރައީސުލްޖުމްހޫރިއްޔާ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ލޮބުވެތި ކަނބަލުންނަށް އަރިސްކުރައްވައިފި
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ހުރިހާ ދިވެހި ލޮބުވެތި ކަނބަލުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ތަހުނިޔާ އަރިސްކުރެއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން މިރޭ ބޭއްވި ދަ ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސަރުކާރަކީ އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރުކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދާއި ހަމައަށް އައިއިރުގައި، ނަތީޖާއިން މި ސަރުކާރުން އެކަން ދައްކުވައިދީފައިވާނެ ކަމުގައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މިއަދާއި ހަމައަށް އައިއިރުގައި ތަރައްޤީކުރުމަށްޓަކައި ކުރެވުނު ކަމެއްވިއްޔާ ކުރައްވާފައިވާނީ މިސަރުކާރުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހައްދަވައިދެއްވީވެސް މިސަރުކާރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރެއްވީވެސް މިސަރުކާރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ކައުންސިލްގެ ބަޖެޓުން ލިބެމުންއައި ފަހެއް އިންސައްތައިގެ ބަދަލުގައި ދިހައެއް އިންސައްތައަށް ޑަބަލްކޮށްދެއްވީވެސް މިސަރުކާރުން ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރޯދަ އިނާޔަތް ދެވޭނީ މި ބޮޑުކުރެވުނު ދިހައެއް އިންސައްތައިގެ ތެރެއިން ނޫންކަމަށާއި، ކައުންސިލްގެ ބަޖެޓުން ކަމުގައި ކަނޑައެޅުއްވީވެސް މިސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީ މި ސަރުކާރުން ކަމުގައި ވިދާޅުވިއެވެ.
އެގޮތުން މިދިޔަ ދުވަސްތަކުގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެކިއެކި ލޯނުތައް ދޫކުރުމުގެ މަސައްކަތާއި އެކި ގޮތްގޮތުން އިގުތިސޯދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރުމާއި އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރިއަށް ގެންދަންހުރި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވި، ރިޔާސީ ބަޔާނުގައިވެސް ބަޔާންކުރައްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ އަދި ވިމެން އެންޕަވަރމަންޓް މެއިންސްޓްރީމް ކޮށްދެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށާއި ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.