Article Image

ޢީދަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ ރަމްޒަކަށް އަބަދުވެސް ހަދަންވާނެ: ރައީސް

ޢީދަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ ރަމްޒަކަށް އަބަދުވެސް ހަދަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ޙިއްޞާކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޢީދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ ސަޤާފަތުގެ އިތުރުން ދިވެހިވަންތަ އެތައް ރިވެތި އާދަކާދައަކާ ލާމެހިފައިވާ ޚާއްޞަ މުނާސަބަތެއް ކަމަށެވެ.

މުސްލިމުންނަށް އަންނަ ދެ ޢީދަކީވެސް ދިވެހި އިސްލާމީ މުޖްތަމަޢާ ކޮންމެ އަހަރަކު ބައްދަލުވާ އެންމެ އުފާވެރި ފޯވައްސަށްވުމަކީ އެމަނިކުފާނުގެ އުންމީދު ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފިޠުރު ޢީދުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރައްޔިތުންނަށް ފޮނުއްވަމުން ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، ކާބަފައިންގެ ޒަމާނުއްސުރެ ޢީދާއި ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް، ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ޢީދު އަބަދުވެސް ހަދަންވާނެ ކަމަށެވެ.