Article Image

މަރުގެ އަދަބު ތަންފީޒުކުރާ ބިލު އޮތީ ފަހު މަރުޙަލާގައި: ރައީސް

މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ކަމަށާއި އެކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ ބިލް އޮތީ ފަހު މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުލު އިންސާފު ޤާއިމުކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މަރުގެ އަދަބު ދިނުމަކީ މިއަދާ ހަމައަށް ވެސް ތަންފީޒުނުވެ އޮތް ކަމެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ހަމައެކަނި ހަދާ އުސޫލަކުން ނޫނީ ގަވައިދަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމްކުރަން ކުރަންޖެހޭ ކަމެއް. އިސްލާމީ ގައުމެއްގައި، އެ އޮންނަ އުސޫލެއްގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ހިފެހެއްޓުމަކީ ދައުލަތަކަށް ވެސް އޮތް ޗޮއިސެއް ކަމަށް ގަބޫލެއް ނުކުރަން. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއީކީ ހިފެހެއްޓޭނެ ކަމަކަށް ގަބޫލެއް ނުކުރަން" ރައީސް

ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލް ތައްޔާރުކުރުން މިހާރު އޮތީ އޭގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. އެ މަސައްކަތް ނިންމައި، ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލް ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކޮށް ތަސްދީގުކުރުމުން، ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އެންމެންގެ މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.