
އޭޕްރީލް އިން ފެށިގެން އާސަންދައިގެ ދަށުުން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭނަން: ރައީސް
މިއަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އިޢުލާނުކުރެއްވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ޚިދުމަތް އާސަންދައިގެ ތެރެއިން ފޯރުކޮށްދެއްވަން ނިންމެވީ މިކަމާއިގުޅޭ ގޮތުން ވަރަށް ގިނަދުވަހު މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން، އެކަމާބެހޭ ޓެކްނިކަލް ކަންކަމާއި، އަދި އޭގެ ހިސާބުތަކާއި، ކަމަށް ހޭދަވާނެ ޚަރަދާއި ބެހޭ ކަންކަމާ އޮޕަރޭޝަނަލްކޮށް ބަލަންޖެހޭ ކަންކަމަށްވެސް ބެއްލެވި ކަމަށް ރައީސް ވިދާޅުވިއެވެ.
"އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގަ އަޅުގަނޑުމެން މިވަނީ މިހާރު މުހިންމު ކަންތައްތަކެއް ނިންމާފަ، އެގޮތުން 1 އޭޕްރީލް އިން ފެށިގެން އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައަޅާފަ މިވަނީ" ރައީސް ވިދާޅުވިއެވެ.
އެގޮތުން 1 އޭޕްރީލް އިން ފެށިގެން އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކުގެ ތެރޭގައިި:
އެމަރޖެންސީގައި ، ނުވަތަ ކުއްލި ޙާލަތްތަކުގައި ގެނެވޭ ފަރާތްތައް.
މައްޔިތުން އެމްބިއުލާންސްގައި އުފުލުމަށް.
ބެޑް ރިޑެން ނުވަތަ އެނދުމަތި ކޮށްފައިވާ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތް ( ހޮސްޕިޓަލަށް ނުވަތަ ސިއްޙީފަރުވާދޭ ތަނަކަށް ގެންދިއުމަށް ) އެދޭ ޙާލަތްތައް.
ވީލްޗެއާގައި ފުރޮޅުލީ ގޮނޑީގައި ގެންގުޅޭ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތް ( ހޮސްޕިޓަލަށް ނުވަތަ ސިއްޙީފަރުވާދޭ ތަނަކަށް ގެންދިއުމަށް ) އެދޭ ޙާލަތްތައް.
އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ، ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތް ( ހޮސްޕިޓަލަށް ނުވަތަ ސިއްޙީފަރުވާދޭ ތަނަކަށް ގެންދިއުމަށް ) އެދޭ ޙާލަތްތައް. އޭގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ، ޑައުންސިންޑްރަމް، އޯޓިޒަމް، މިކަހަލަ ހުރިހާ ފަރާތްތަކަށްވެސް ހިމެނޭ.
ސިއްޚީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަށް ނުވަތަ ތަހުލީލަކަށް ، އެހެން މަރުކަޒަކަށް ގެންދަންޖެހޭ ޙާލަތްތަކަށް.
އިވެކުއޭޓް ކުރެވޭ ޙާލަތްތަކުގައި (ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިތިބޭ ފަރާތްތައް) ރާއްޖޭން ބޭރަށް އިތުރުފަރުވާއަށް ގެންދާ ޙާލަތްތަކުގައި ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމަށް.
ތެލަސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތައް އައުޓްޕޭޝަންޓް ޚިދުމަތް ( ހޮސްޕިޓަލަށް ނުވަތަ ސިއްޙީފަރުވާދޭ ތަނަކަށް ގެންދިއުމަށް ) އެދޭ ޙާލަތްތައް.
މިހުރިހާ ފަރާތްތަކުންވެސް މީގެ ކުރިން އެމްބިއުލާންސްގެ ޚިދުމަތަށް ފައިސާ ދައްކަމުން ދިޔައީ އަމިއްލަ ޚަރަދުގައެވެ. އެހެންނަމަވެސް މި ހުރިހާ ޙާލަތްތަކަކަށްވެސް މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އާސަންދައިން އެމްބިއުލާންސް ހަމަޖެހޭނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ. އަދި މިއީ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑަށް އެދެމުން އަންނަ ކަމެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ މި ޚިދުމަތާއެކު ރައްޔިތުންނަށް ލުއިފަސޭހަތަކެއް ވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް މިސަރުކާރުން ގެންނަވަމުންދާ އިންޤިލާބީ ބަދަލާއިއެކު ރައްޔިތުންނަށް ކުރިން ދަތިވެފައިހުރި އެތައް ޚިދުމަތްތަކެއް މިހާރު ލުއިފަސޭހަ ކަމާއިއެކު ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ބޭހުގެ ދަތިކަމާމެދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތްކަން ފާހަގަވެފައިވާއިރު، މިކަމަށްވެސް ކެނޑިނޭޅި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެސްޓީއޯއިން ގިނަ ބޭސް މިހާރު އެތެރެކުރަމުންދާ ކަމަށާއި، އަވަސް މުސްތަޤުބަލެއްގައި ބޭހުގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.