Article Image

ރައީސްގެ ދެކަނބަލުން ޢުމްރާގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، މި ދަތުރުފުޅުގެ މެހެމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކަމަށާއި، މި ދަތުރުފުޅާ ގުޅޭ އެންމެހައި އިންތިޒާމުތަކެއް އެ ޤައުމުގެ ސަރުކާރުން މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސައިދީފައިވާ ކަމަށެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ރަމްޒެކެވެ. އެ ޤައުމުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ދީނީ އަދި އިޖުތިމާޢީ އެތައް ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.