Article Image

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސައުދީ އަރަބިއްޔާއަށް ކުރެއްވި ޢުމްރާގެ އަޅުކަން ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަތީ މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ޚާއްޞަ މެހެމާންދާރީގެ ދަށުން ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިންގެ މި ދަތުރުފުޅުގެ ހުރިހާ ޚަރަދަކާއި މެހެމާންދާރީގެ ކަންކަން ހަމަޖައްސަވައިދެއްވީ ސައުދީ އަރަބިއްޔާގެ ސަރުކާރުންނެވެ.

ރައީސް ޑރ. މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ ވަނީ ނިމިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައިވެސް، ދެ ހަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދުގެ މެހެމާނުންގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިން މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ސަރުކާރުގެ އިސް ބޭފުޅުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ.