
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، "އުފަކާރަ" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ "އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންފަރެންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތުގައި، މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި 19 ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގައި ކިޔަވައިދެއްވި 17 ފެސިލިޓޭޓަރުންނަށްވެސް އެކަމަނާ ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
"އުފަކާރަ" ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ، ތައްޔާރުކުރާ އަދި ވިއްކާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވައި، އެ ތަކެތީގެ ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމް މިހާތަނަށް ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ޅ. އަތޮޅު، މ. އަތޮޅު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޏ. ފުވައްމުލައް، ލ. އަތޮޅު އަދި ފ. އަތޮޅު ހިމެނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަކީ އެކަމުގެ ފަންނީ މަޢުލޫމާތާއި ހުނަރު ލިބިފައިވާ ބަޔަކަށް ހެދުމެވެ.
ރޭ ބޭއްވި މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، އަލްފާޟިލާ ޤީލާ ޢަލީގެ އިތުރުން، އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.