Article Image

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ބޮޑު ކުރިއެރުމެއް: މެޑަމް ސާޖިދާ

ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ އަދަދު އިތުރުވުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ނޫންކަމަށާއި، މިއީ ގައުމުގެ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، 2026 އިން 2028 އަށް އައްޔަންކުރެއްވި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާޙްކޮށްދެއްވުމަށް މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން، އެކަމަނާގެ ޝަރަފުގައި ފުލުހުންގެ އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީގެ އައު ލޯގޯ އިފްތިތާޙްކޮށްދެއްވައި، އެ ކޮމިޓީގެ ތިންވަނަ ދައުރުގެ މެންބަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ އެ ކޮމިޓީގެ ލޯގޯގެ ރަމްޒީ ހަނދާނީ ޓޯކަނެއް އެކަމަނާއަށް ވެދުމަށް އަރުވާފައެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، މިއަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި އަންހެނުންގެ ދައުރު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އަންހެން އޮފިސަރުންގެ ބައިވެރިވުން ބޮޑުވުމުން، މުޖުތަމަޢުގެ އިތުބާރު އިތުރުވެ، ޚާއްޞަކޮށް ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ނާޒުކު މައްސަލަތަކަށް ދެވޭ އިޖާބަ ހަރުދަނާވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ތައުލީމީ އަދި ސިއްހީ ދާއިރާއާ އަޅާބަލާއިރު ފުލުހުންގެ ތެރޭގައި އަންހެނުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވައި، އިތުރު އަންހެނުން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި އަންހެން އޮފިސަރުން ހަމައެކަނި އިދާރީ މަސައްކަތްތަކުގައި ތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކާއި، ތަހުގީގުތަކާއި، ޓެކްނިކަލް ދާއިރާތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތަކީ ގައުމުގެ އަމާންކަމުގެ މައިބަދަ ކަމަށާއި، ފުލުހުން ކުރައްވަނީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރެވޭ މަތިވެރި ގައުމީ ޚިދުމަތެއްކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ. އަދި ނިމިދިޔަ ދެވަނަ ދައުރުގެ ކޮމިޓީން ހިންގާފައިވާ ކާމިޔާބު ހަރަކާތްތަކަށްޓަކައި އެ މެންބަރުންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އިސްވެރިންގެ އިތުރުން ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ