Article Image

ޒިންމާދާރު ނޫސްވެރިކަމަކީ ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއްގެ އެންމެ ބޮޑު ބާރު: ރައީސް މުޢިއްޒު

ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ނޫސްވެރިންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށާއި، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީޑިއާއަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަން ފާހަގަކުރެއްވިއެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދީފައިވާ ކަމެއް ނަމަވެސް، އެކަމުގައި ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކެއް ހުންނަންވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި، ސަލާމަތާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީން ބާރުއަޅާކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް އެންމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން ނޫސްވެރިންނަށް މިއަދަށްވުރެ ފަހި އިންފޮމޭޝަން އިކޯސިސްޓަމެއް ޤާއިމުވެގެންދާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ނޫސްވެރިކަމަކީ އެ މަސައްކަތުން އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދާއިރާއަކަށް ހެދުމަށާއި، މީޑިއާ ހިންގުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރުމަށާއި، ކުރީގެ ސަރުކާރުތަކުން ނުދޭ މިންވަރަށް މީޑިއާތަކަށް ސަމާލުކަންދީ، ވެފައިވާ ވަޢުދުތައް ފުއްދަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އިނގިރޭސި ބަހުންނާއި މީސް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖުތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިވަން ނޫސްވެރިކަމަކީ މަދަނީ ބައިވެރިވުން ވަރުގަދަކޮށް، ތެދު މަޢުލޫމާތު ރައްކާތެރިކޮށްދޭ ވަސީލަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ނޫސްވެރިން ކުރާ އަގުހުރި މަސައްކަތް ބަލައިގަންނަކަން ހާމަކުރައްވައި، އެ ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ނޫސްވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.