
ޒިންމާދާރު ނޫސްވެރިކަމެއް ދެމެހެއްޓުމަށް ހުރިހާ ނޫސްވެރިންނަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ނޫސްވެރިންނަށް ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކޮށް ދެއްވި މި މެސެޖުގައި، މެޑަމް ސާޖިދާ ވަނީ މިނިވަން ނޫސްވެރިކަމަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ކޮރަޕްޝަން ހުއްޓުވުމުގެ އިތުރުން ޑިމޮކްރަސީގެ އުޞޫލުތައް ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ވަރުގަދަ ޑިމޮކްރަސީ ނިޒާމެއް ބިނާކުރުމަށްޓަކައި މިނިވަން މުސްތަޤިއްލު ނޫސްވެރިކަމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ.
މިއަދަކީ ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއްކަން ފާހަގަކުރައްވަމުން، ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނޭފަދަ މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ.
މިގޮތުން ޙަޤީޤަތް ހޯދުމާއި، މަޢުލޫމާތު ފެތުރުމުގައި ސައްޙަކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ޚަބަރު ފެތުރުމުގެ އަސާސްތައް ދެމެހެއްޓުމަށް ހުރިހާ ނޫސްވެރިންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލެއްވީ، މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި ރައްޔިތުންގެ އަޑު އުފުލައިދިނުމަށް ރޭދުވާ ނުބަލައި ބުރަ މަސައްކަތްކުރާ ހުރިހާ ނޫސްވެރިންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވަމުންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ދަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށާއި، ނޫސްވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.