Article Image

ރައީސް މުޢިއްޒުގެ ލަންކާ ދަތުރުފުޅު: ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް ފެށިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްބަޔާނެއް ދެއްވައިފިއެވެ. މި ބަޔާން އިއްވެވީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ފަށްޓަވަމުން، ކޮލަމްބޯގައި ހުންނެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފެއްކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަވަށްޓެރި ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދެއްވުމުގެ އިތުރުން، ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުސްތަޤުބަލަށް އަމާޒު ހިފާފައިވާ އައު ބަދަހި ގުޅުމެއްގެ ފެށުމެކެވެ.

ރައީސް ޑިސަނާޔަކެއާއެކު ކުރިއަށްގެންދެވި މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރައްވައި، ދޭދޭ ގުޅުންތަކާއި، ސަރަޙައްދީ އަދި ދުނިޔޭގެ މަސްރަހުގެ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސޮއިކުރެވުނު ފަހުމުނާމާތަކާއި އެއްބަސްވުންތައް ތަންފީޛުކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ޙަޤީޤީ މަންފާ ހޯދައިދިނުމަށް އެންމެ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދެ ޤައުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސަކީ އިޤްތިޞާދީ އެއްބާރުލުންކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހިއްސާ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށާއި، އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށް، ވިޔަފާރީގެ އައު ފުރުޞަތުތައް ހުޅުވައިދިނުމަށް ދެ ޤައުމުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 'މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް' ވެގެންދާނީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ގުޅުވައިދޭ މުހިންމު މަންސައަކަށެވެ. އަދި ތަޢުލީމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ފަންނީ ތަމްރީނާއި، މަސްވެރިކަން މެނޭޖްކުރުމުގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމަށްވެސް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ވަކާލާތުކޮށް، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމް ރައީސް އައުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލެއްވީ، މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ އައު އަދި ހަލުވި ބާބެއްގެ ފެށުންކަން ފާހަގަކުރައްވަމުންނެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ސުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.