Article Image

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް އިފުތިތާޙުކޮށްދެއްވައިފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހޯދޭނެ އިންތިޒާމު ހަމަޖައްސައި، އެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިފިއެވެ. މި ޚިދުމަތް އިފުތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ކޮޅުނބުގައި ހުންނަ ދިވެހި އެމްބަސީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ ލަންކާގައި ދިރިއުޅޭ ދިވެއްސަކަށް އަލަށް ތައްޔާރުކުރި ޕާސްޕޯޓު ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، މިހާރު ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކަށް އެ ޚިދުމަތް ފުޅާކުރައްވާފައެވެ. މީގެ އިތުރުން، ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ އަދި އާންމުކޮށް ގޮސްއުޅޭ ބޭރުގެ ޤައުމުތަކުގައިވެސް މި ޚިދުމަތްތައް ފެށުމަށް ސަރުކާރުން ދަނީ ބޮޑު އިސްކަމެއް ދެމުންނެވެ.

އެގޮތުން މެލޭޝިއާ އާއި ސްރީލަންކާގައި މިހާރު މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިންޑިއާ އާއި އިނގިރޭސިވިލާތުގައިވެސް އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ އިދާރީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.