
ތެލެސީމިއާ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް: ރައީސް މުޢިއްޒު
ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ފޮނުއްވި މެސެޖެއްގައި، ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލެސީމިއާ ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް އަޅުގަނޑުމެންނަށް ހަނދާންކޮށްދީ ދަސްކޮށްދޭ ދުވަހެއް ކަމަށެވެ. އަދި ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ދީގެން ބަދަހި ގައުމެއް ބިނާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީވެސް އަޅުގަނޑުމެންގެ އަމިއްލަ ދަރިންނާއި އާއިލީ މެންބަރުން ފަދަ ބައެއް ކަމަށެވެ. އެހެންކަމުން، އެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ ފަރުވާއާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ އެކި މައިދާންތަކުގައި ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން، ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުންނެވެ.