
ހެޔޮބަސްތަކަކީ ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާގެ ދެބައިކުޅަ އެއްބައި: ފަސްޓްލޭޑީ
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތެލެސީމިއާ ކުދިންނަށް ހިތްވަރު ދެއްވައި މުހިންމު މެސެޖެއް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް އެންމެންގެ ފަރާތުން ލިބޭ އޯގާތެރިކަމާއި ހެޔޮބަސްތަކަކީ އެ ކުދިންނަށް ދެވޭ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ. މިއީ އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ބަލީގެ ތަހައްމަލު ކުރުމުގެ ބާރު އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ ތެލެސީމިއާ ކުދިންނަށް ހެޔޮ ދުޢާއެއް ކުރައްވަމުންނެވެ. އެގޮތުން ތެލެސީމިއާއަށް ފަރުވާ ހޯދާ ކޮންމެ ކުއްޖަކަށްމެ، މުޖްތަމަޢުގެ ކުލުނާއި ލޯތްބާއި އެހީތެރިކަމާއެކު، އަވަސް ޝިފާއެއް މާތްﷲ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.
މިއަހަރުގެ ތެލެސީމިއާ ދުވަސް ފާހަގަކުރާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، އެ ކުދިންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.