
ކުދިންނަށް އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި ރައްޔިތުންގެ ޤައުމީ ޒިންމާއެއް: ރައީސް
ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އެކުދިންގެ އުމުރާ ގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ކުޑަކުދިންނަށް ދެވޭނެ އެންމެ ހަޤީޤީ ލޯތްބަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށެވެ. އަދި މާދަމާގެ މުޖުތަމަޢުގައި ޒިންމާދާރު ބައެއްގެ ގޮތުގައި އުޅެވޭނެ ފަދަ ޤާބިލްކަން އެކުދިންނަށް ހޯދައިދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ކުޑަކުދިންގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ފަދަ އެއްވެސް ބަހަކަށް ނުވަތަ ޢަމަލަކަށް ޖާގަ ނުދިނުމަކީ އެންމެންގެ މައްޗަށް އޮތް ބޮޑު ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައެވެ. ވަގުތުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށް ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުންތަކަކާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޒަމާނީ ތަޢުލީމާއި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށްދޭ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިޢާދަނުކުރެވޭ ފަދަ ބޮޑެތި ނުރައްކާ ކުރިމަތިވަމުންދޭ: ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކަކުން އަތްގުޅާލައިގެން މަސައްކަތްކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމް ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ސްކޫލް ނިޒާމުގެ ތެރެއިން ކުރިއަށްދިއުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭކަމަށްވެސް ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އެންމެހާ ކުޑަކުދިންނަށާއި އާއިލާތަކަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.