Article Image

ކުޑަކުދީންނަށް އަޅަައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުން ދާހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުން: ފަސްޓްލޭޑީ

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ހެޔޮލަފާ އަދި އަޚްލާޤު ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްވާން ނުޖެހޭނެ ކަމަށެވެ. ކުދިންގެ ހިތްތަކުގައި އިސްލާމީ ރިވެތި އުޞޫލުތަކާއި މާތް ސިފަތައް އަށަގެންނެވުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރިކަމާއި ޙިމާޔަތް ލިބިދޭ މުޖުތަމަޢެއްގައި، އެކުދިން ކުރިމަގަށް ކުރާ އުންމީދުތައް ޙަޤީޤަތަކަށް ވާނެ ކަމަށެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކުޑަކުދިންގެ ޙައްޤުތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، އެކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ބާރުއެޅުމެވެ. ރާއްޖޭގައި ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.