Article Image

ވަޢުދާއި އެއްގޮތަށް ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވައިފިއެވެ.

ރައީސް މުޢިއްޒު ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެސިޓީގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުންއޮތީ ފުވައްމުލައް ސިޓީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމާއެކު އެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމާއި ދެންހުރި މަގުތައްވެސް ހެދުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަދި ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަށް އެދޭކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ސިޓީ ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ރައްކާކުރާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމާއި، އައު ހޮސްޕިޓަލެއް އެޅުމާއި، މިހާރު ހުރި ހޮސްޕިޓަލުގައި ނުފެށި ހުރި މަތީ ފެންވަރުގެ ޚިދުމަތްތައް ފެށިގެންދިއުމަށް އެދުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީގެ ފަރާތުންވަނީ އެކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭ މުހިންމު ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަޢުދު ވެވަޑައިގެންނެވި ފަދައިން ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއްވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން ކަރަންޓުގެ މައްސަލައާއި އަދި ފާހަގަކުރެއްވި އެހެން މައްސަލަތަކަށް ސަމާލުކަން ދެއްވައިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމަށާއި، ޚާއްސަކޮށް އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޢުދުވެވަޑައިގަންނަވާފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވާފައެވެ.