Article Image

ތާރީހީ ކާމިޔާބީއެއް: 60 އަހަރުގެ ދިގު މުއްދަތަކަށްފަހު އިކޯސޮކްގެ ގޮނޑިއެއް ރާއްޖެއަށް

އދގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މި ވޭތުކުރި 60 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޯސޮކް)ގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިހާބުވުމަކީ، ތާރީހީ ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، އިކޯސޮކްގެ 2027 - 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިހާބުވުމުގެ ފަހުރުގައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، މި ތާރީހީ ކާމިޔާބީން ރަމްޒުކޮށްދެނީ، ބައިނަލްއަގުވާމީ މަސައްކަތްތައް ކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހިރާއްޖެއާ މެދު އޮންނަ ޔަގީންކަމާއި، އެ މުޖުތަމައު ދިވެހިރާއްޖެއަށް ކުރާ އިތުބާރު ކަމަށެވެ.

ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި، އިގްތިސާދީ ވިލުންތެރިކަމާއި، ދެމެހެއްޓެވި ތަރައްގީ ގާއިމުކުރުން ފަދަ، ނާޒުކު ހާލަތްތަކަށް ހުށަހެޅިފައިވާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުގެ ހައްސާސްކަން، ދިވެހިރާއްޖެއަށް ސީދާގޮތެއްގައި ފަހުމުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އިކޯސޮކް ވެގެންދާނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ އެހެނިހެން ގައުމުތަކުގެ މަސްލަހަތުތައް އިސްކޮށް، އެ ގައުމުތަކުގެ އުންމީދުތަކުގެ އަޑުއުފުލަން ލިބޭ މަންސައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުންދިނުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވާން ކުރާ މަސައްކަތްތަކުގެ ދުވެލި އަވަސްކޮށް، މިހާރަށްވުރެ އިންސާފުވެރި އަދި ވިލުންތެރި ބައިނަލްއަގުވާމީ ނިޒާމެއް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ރާއްޖެއިން، ބައިނަލްއަގުވާމީ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ރައީސް މުޢިއްޒު ވަނީ ދެއްވައިފައެވެ.