Article Image

ދުނިޔޭގެ ތިމާވެށީގެ ދުވަސް: ރައީސް އެދިވަޑައިގަތީ ގަސް އިންދުމުގެ ހަރަކާތުގައި އެންމެން ވެސް ބައިވެރިވުމަށް

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތުގައި ދިވެހި ކޮންމެ ރައްޔިތަކު ވެސް ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މުލިއާގޭގައި ގަހެއް އިންދަވައި، އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ ފެހިކުރުމުގެ މަސައްކަތަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމާ ގުޅޭ މަސައްކަތްތައް ކޮށްދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން ވަކިން ހާއްސަކޮށް ޒުވާނުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތުގައި އަޅުގަނޑުމެން ކޮންމެ ބޭފުޅަކު ވެސް ބައިވެރިވެ، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަކީ، އަޅުގަނޑު ހަމަ ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދޭ ކަމެއް،" - ރައީސް ވިދާޅުވިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ރައީސް މުޢިއްޒު ހާމަކުރެއްވީ ކޮޕް 28 ސަމިޓުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ހަރަކާތަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެށި ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ބޮޑެތި ލަނޑުދަނޑިތަކެއް ކަނޑައަޅައިފައެވެ. އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކޮންމެ ކުންފުންޏަކުން އެއް މިލިއަން ގަސް އިންދުމަށް ވަނީ ނިންމައިފައެވެ. އަދި ސްޓެލްކޯއިން 500,000 ގަސް އިންދާނެ ކަމަށް މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މި ހަރަކާތުގެ ދަށުން ޖުމުލަ 90 ބާވަތެއްގެ ގަސް އިންދުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ރާއްޖެއިން މަދުވަމުންދާ ކަޅުވަކަރު ފަދަ ގަސް ވެސް ހިމެނެއެވެ. މިފަދަ ގަސްތައް އިންދުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަން ދެމެހެއްޓުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.