Article Image

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ލަސްވަނީ ބޮޑުހިލަ ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން: ރައީސް

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ލަސްވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ފެއްޓެވި "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަށްގިރުމުގެ ސަބަބުން ބައެއް ރައްޔިތުންގެ ގެދޮރާއި، އޮޑިދޯނިފަހަރު ބަންނަ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މައްސަލައާ ގުޅިގެން ވަރަށް ގިނަ ރަށްރަށުގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ބޮޑުހިލައާއި އެހެނިހެން ބައެއް ސާމާނު ގެނައުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ، މަޝްރޫއުތައް މަޑުޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ދަތިތައް ދިމާވަނީ މެދުއިރުމަތީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި އަހަރުގެ ރިޔާސީ ބަޔާނުގައި މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާނެ ތާރީހުތައް އިއުލާން ކުރެއްވިއިރު، ދުނިޔޭގެ ބާޒާރުން މިފަދަ ތަކެތި ލިބުމުގައި އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް ރިޔާސީ ބަޔާން އިއްވެވިތާ 25 ދުވަސް ފަހުން މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށި، އެކަމުގެ ސަބަބުން ސަޕްލައި ޗެއިނަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާލުވިއެވެ.

"މިކަމުގައި ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ ބޮޑު ހިލަ ހޯދުމާ ހާއްސަކޮށް މިކަހަލަ މެޓީރިއަލް ހޯދުމުގަ މިހާރު މި ހިނގާ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއިން އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވެފަ މިވަނީ. ލަސްތަކެއް ވެފަ މިވަނީ. އަލްޓަނޭޓިވް އެހެން ގޮތްތައް އެހެން ދިމަ ދިމާލުން އެހެން ގައުމުތަކުން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން. އެހެންވީމާ ކުޑަ ލަސްކަމެއް އަންނަނީ،" - ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ގައުމުތަކުން ބޮޑު ހިލަ ހޯދުމުގެ ބަދަލުގައި އިތުރު އެހެން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހާލަތަށް ބަލައި ސަރުކާރުގެ ޕްލޭންތައް މަޑުމަޑުން ބަދަލުކޮށްގެން ނަމަވެސް، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫއުތައް އެއްކޮށް ނިންމަވާލައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.