
ރައްޔިތުންގެ ލާބައާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކޮށްގެން ރައީސް އޮފީހުން 'ދަ ޕަލްސް' ގެ ނަމުގައި ޕޮޑްކާސްޓް ސިލްސިލާއެއް ފަށައިފި
ރައްޔިތުންގެ ލާބައާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 'ދަ ޕަލްސް' ގެ ނަމުގައި ޕޮޑްކާސްޓް ސިލްސިލާއެއް ފަށައިފިއެވެ.
ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފާ ހިއްސާކުރެއްވުމާއި، ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ފަރުމާކުރެވިފައިވާ މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު މެންދުރުފަހު ވަނީ ހިއްސާކޮށްފަވެ.
"ދަ ޕަލްސް" ގެ ފުރަތަމަ އެޕިސޯޑް އިފްތިތާހުކުރެވުނު ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު، މި އެޕިސޯޑް ހާއްސަކޮށްފައިވަނީ ތިމާވެށީގެ މައުޟޫއަށެވެ. ޕޮޑްކާސްޓް ފަރުމާކޮށްފައިވަނީ، ކޮންމެ އެޕިސޯޑެއް ވެސް އެއް މައުޟޫއަކަށް ހާއްސަވާ ގޮތަށެވެ. މި މޭރުމުން، ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިތުން ފާޅުކޮށްފައިވާ ބައެއް ހިޔާލާއި ޝުއޫރު، އަދި ކަންބޮޑުވުންތައް، ރައީސް މުޢިއްޒު ވަނީ ބައްލަވާލައްވައިފައެވެ.
ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅިގެން ރައްޔިތުން ހިއްސާކުރި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގައި އަދިވެސް ދަތިތައް ކުރިމަތިވުމާއި، ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ ސަބަބުން ސިނާއީ ގޮތުން އުނދަގޫތަކާ ކުރިމަތިލާންޖެހުން ފަދަކަންކަން ހިމެނެއެވެ.
މިކަންކަމަށް ރިއާޔަތްކުރައްވާ، ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ނާޒުކު ފައްތަރެއްގައި އޮތް ގައުމެއް ކަމަށާ، ނަމަވެސް ދިވެހިރާއްޖެއަކީ ގޮތް ހުސްވެފައި އޮތުމުގެ ބަދަލުގައި، ތިމާވެށީގެ ކަންކަމުގައި ލީޑަރޝިޕް ނަގާ ގައުމެއްކަން ވަނީ ފާހަގަކުރައްވައިފައެވެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން ކަމަށާއި ތަރައްގީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގައި، ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތު ފާހަގަކުރައްވައި، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ސިޓީތަކާއި ރަށްތައް ފެހިކުރުމަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިން، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވައި، ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ ސެގްމަންޓް ކުރިއަށް ގެންދަވަނީ ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެފައިވަނީ ވަގުތު ނޫހުގެ ނޫސްވެރިޔާ ޔާމީން މުޙައްމަދެވެ. މި ފަހަރުގެ މައުޟޫއުގައި ނޫސްވެރިޔާ ކުރި ސުވާލުތަކަށް ރައީސް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. މި ބަސްދީގަތުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމާއި، އަމަލީ ގޮތުން އެކަން ތަންފީޒުކުރައްވަމުން ގެންދަވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، "ދަ ޕަލްސް" އަކީ އެ ވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެ ވެސް އެއް މައުޟޫއެއް ނުވަތަ ކޮންމެ ވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސަށް ހުށަހަޅުއްވައި، އެކަމާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތް ގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވައިފައެވެ.