
މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރެއްވުން މަތީ ދެމިހުންނަވާނޭކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
މޫސުމީ ބަދަލުތަކާ ދެކޮޅަށް، އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރެއްވުން މަތީ ދެމިހުންނަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި މޭރުމުން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި އިންސާނިއްޔަތުގެ މުސްތަގުބަލާއި ތިމާވެށީގެ ދުޅަހެޔޮކަމާ އޮންނަ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވައިފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިންމުކަން، ދިވެހިން ރަނގަޅަށް ދަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ސޯލާ ސިޓީ މަޝްރޫއާއި، ކާރިސާތަކަށް ތައްޔާރުވުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ހޭނުމަށާއި މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް ޖަމައީ ފެންވަރުގައި މަސައްކަތްކުރުން ފަދަ، އުންމީދީ، މޫސުމީ ފިޔަވަޅުތައް ރާއްޖެއިން އަޅަމުންގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި، ވަކި ވަކި ފަރުދުންނަށާއި، މާހައުލީ ނިޒާމުތަކަށާއި، ގުދުރަތީ ވަސީލަތްތަކަށް، އަސަރުކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވަނީ، މި ބަދަލުތަކަށް ހޭނުމަށާއި، ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، ދެމެހެއްޓެނިވިކަން އިސްކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައުން އެކުގައި ކުރާ މަސައްކަތްތަކެއް ކަމަށެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތިމާވެށި ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް މިހާރަށްވުރެ ރައްކާތެރި އަދި ފުދުންތެރި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކުރުމަށާއި، މަސްއޫލިއްޔަތުތައް ހިއްސާކުރުމަށާއި، އެކުގައި މަސައްކަތްކުރުމަށް ހުރިހާ މަސްލަހަތުވެރިންނަށް އިލްތިމާސްކުރައްވަމުންނެވެ.