Article Image

ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވި އިބްރާހީމް ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވި ބޭފުޅެއް ކަމަށްވާ މއ. އަލިތަރި، އިބްރާހިމް ރަޝާދު ނިޔާމުވާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

އިބްރާހީމް ރަޝާދު ނިޔާވުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރެއްވި، އިބްރާހީމް ރަޝާދު އަވަހާރަވި ހަބަރު އަޅުގަނޑު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

އިބްރާހީމް ރަޝާދަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުން ވެސް އެ ވަގުތަކު ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި ތެދުވެރިކަމާއި ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭނާއަކީ ހިކްމަތްތެރި ހިންގުންތެރި ޝަހްސިއްޔަތެއް ކަމަށެވެ. އަދި ގައުމަށް ގެއްލިގެން އެ ދިޔައީ ބޭނުންތެރި އަގުހުރި ތަޖުރިބާކާރެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައި ވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ހާއްސަކޮށް ފާހަގަކުރެވޭ. އަދި، ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު އެމަނިކުފާނު ހޯއްދަވައިފައިވޭ. ފަހުގެ ތާރީހުގައި ގުއުމު ދުށް މިފަދަ ހިދުމަތްތެރި ހުލްގު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، އެމަނިކުފާނުގެ އާއިލާއަށް، އަދި ހިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވަން." - ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިއުމަތާއި ރަހްމަތުގައި މަރްޙޫމް އިބްރާހީމް ރަޝާދު ލެހެއްޓެވުން އެދި ދުއާކުރައްވައިފައެވެ.