Article Image

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް މެޑަމް ސާޖިދާ ވިދާޅުވެއްޖެ

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު މެސެޖެއް ފޮނުއްވައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކުރައްވައި އެކަމަނާ ދެއްވި މި މެސެޖުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މެޑަމް ސާޖިދާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އެފަދަ ބަލިތަކުގެ ސަބަބުން ސިއްހީ ނިޒާމަށާއި އާންމު ދިރިއުޅުމަށް ކުރިމަތިވާ ބުރަ ކުޑަކުރުމުގައި ރައްކާތެރި ކާބޯތަކެތި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ހިއްސާ އޮތް ޒިންމާއެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ސިއްހީ ދާއިރާގެ މާހިރުންގެ އިތުރުން ކޮންމެ ކަނބަލަކީވެސް މިކަމުގައި މުހިންމު ދައުރެއް އޮތް ބައެއް ކަމަށެވެ. އަދި އުފައްދާ، ތައްޔާރުކުރާ، ވިއްކާ އަދި ބޭނުންކުރާ ކާބޯތަކެއްޗަކީ ތަޣައްޔަރުވުމުންނާއި ގެއްލުންހުރި މާއްދާތަކުން ސަލާމަތްވެފައިވާ ތަކެތިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މީގެއިތުރުން، އެންމެން ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާދަތައް ކުރިއެރުވުމުން، އާންމު ސިއްހަތު ރައްކާތެރިކުރެވި، މުޖުތަމައަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވެވޭނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި މިއީ އެންމެހައި ރައްޔިތުންނަށް ސިއްހަތު ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަނީ ކާބޯތަކެތީގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތައް ދެނެގަނެ، އެކަންކަމުން ސަލާމަތްވުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައެވެ.