
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: ރައީސުލްޖުމްހޫރިއްޔާ
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ރައްކާތެރި ކާބޯތަކެތި ލިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ކާބޯތަކެތިން ޖެހޭ ގިނަ ބަލިތަކަކީ، މައުލޫމާތާއި ހެކީގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ނިޒާމުތަކެއްގެ ތެރެއިންނާއި، މުޅި މުޖުތަމައުގެ އެއްބާރުލުމާއެކު ހުއްޓުވިދާނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި، އަދި އިތުބާރު ހިފޭ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި:
- ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުން.- ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ނިޒާމު ވަރުގަދަކުރުން.- ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރކޮށް ތަހުލީލުކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން ގައުމީ ފެންވަރުގައި އިތުރުކުރުން. ހިމެނެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ހަނދާން އާކުރައްވާފައެވެ. ވަކިން ހާއްސަކޮށް ފަލަސްތީނުގެ ގައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތަށް އިޝާރާތް ކުރައްވައި، އެ ތަނުގައި ރައްކާތެރި ނޫން ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން ޖެހުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތަބާވެ، އެއްބާރުލުން އިތުރުކޮށްގެން އެންމެނަށް ރައްކާތެރި މުސްތަގުބަލެއް ބިނާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.