
"ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ރެފިއުޖީންނަށް ހެދި ޒަމާން ނިމިއްޖެ، ދެން ފެންނާނީ ސްކޫލްގެ އާ އިމާރާތް"
އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ނުވަތަ ޢަރަބިއްޔާ ސްކޫލާއި އެ ސްކޫލުގެ ދަރިވަރުން މަގުމަތިކޮށް، ރެފިއުޖީންގެ ގޮތުގައި ހަދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަންކުރާ ޕާޓީ ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް އަބަދުވެސް ދެ ރާސްތާއެއް ލިބިފައި އޮންނަ ކަމަށާއި، އެއީ ގެއްލުމާއި ހަލާކުގެ ރާސްތާއާއި ކާމިޔާބީގެ ރާސްތާ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅެފައިވަނީ ފަނާކުރަނިވި ފިކުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ޢަރަބި އިސްލާމީ ތައުލީމު ނައްތާލުމަށް އެމްޑީޕީގެ ސަރުކާރުތަކުން މަސައްކަތް ކުރުން ކަމަށެވެ.
"ޢަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މި ދެންނެވި ފަނާކުރަނިވި ފިކުރުން ކަންތައް ކުރި ގޮތް. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ޢަރަބިއްޔާ ތަޅާލައި، މަގުމަތި ކުރީނޫންތޯ؟ ރެފިއުޖީން ގޮތުގައި ހެދީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުތަކުން އެހެން ކަންތައް ކުރި ނަމަވެސް، މި ސަރުކާރުން ގެންގުޅެނީ ބިނާކުރަނިވި ފިކުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރު އައިސް، ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، އާ އިމާރާތުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. ޢަރަބިއްޔާ ސްކޫލްގެ މަސައްކަތްތައް ނިންމައި، އަންނަ ދިރާސީ އަހަރު އެ ސްކޫލުގައި ކިޔަވައިދޭން ފެށުމަކީ އުންމީދެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޢަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތަކީ 2013 ވަނަ އަހަރު ބޭނުންކުރަން ފެށި އިމާރާތެއް ނަމަވެސް އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ބޭނުންކުރަން ނުރައްކާތެރި ތަނަކަށްވުމުން 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ ސްކޫލުގެ ކިޔެވުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ.
އޭގެ ފަހުން އެ އިމާރާތް ބޭނުންކުރަމުން އައީ ގުދަނެއްގެ ގޮތުގައްޔާއި ސްކައުޓް އަދި ކެޑޭޓް އޮފީސް ހިންގުމަށެވެ. ނަމަވެސް މިހާރު ވަނީ އެ އިމާރަތް ހުސްކުރުމަށްފަހު ތަޅާލުމުގެ މަސައްކަތް ފަށައިފައެވެ. ޢަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ ޒަމާނީ ވަސީލަތްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ނިންމައިފައެވެ. މި މަޝްރޫއަކީ އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.